ރާއްޖޭގެ އިމާމުންނާއި ޚަތީބުން އިމާމުވެ ނަމާދު ކުރައްވާއިރު އަދި ޚުތުބާ ދެއްވާއިރު ތުރުކުރައްވާ ފޭރާންކޮޅު ފަރުމާކުރާނީ ދިވެހިވަންތަ، ސަޤާފީ ޑިޒައިނަކަށް ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، އިމާމުންގެ ފޭރާމާއި ބޮލުގައި އަޅާ ތާކިހާގެ ނަމޫނާ ތައްޔާރުކުރުމުގައި ރާއްޖޭގެ ސަޤާފަތާއި ތާރީޚުގެ އިތުރުން މާލޭ ހުކުރު މިސްކިތުގެ މުންނާރާއި، ދިވެހިން ވިޔެ އުޅުނު ތުނޑުކުނަލާއި، އަދި ހިރިގަލުގެ ފަރުމާތަކުން ޚިޔާލު ހޯދާފައިވާނެ ކަމަށެވެ. މިއީ އަދި ފުރަތަމަ މަރުހަލާކަން ފާހަގަކުރައްވައި، ރާއްޖޭގެ ތާރީހާއި ސަގާފަތުގެ އަސަރު ފުރިހަމައަށް ހިމެނޭ ގޮތަށް މި މަސައްކަތް ނިންމުމަށްޓަކައި އާންމުންގެ ޚިޔާލަށް ވަޒީރު ވަނީ އެދިލައްވާފައެވެ.
އާސާރީ މިސްކިތްތަކާއި ތާރީޚުން ފެންނަން ހުރި ދިވެހިވަންތަ އިސްލާމީ ހަޟާރަތުގެ ބަހާތަކަށް ބަލައިގެން ފޭރާންކޮޅު ޑިޒައިން ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަމާޒަކީ އަންނަ ރަމަޟާން މަހަށް މިކަން ތަންފީޒުކޮށް ނިންމުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތުގެ މުހިންމު ބޭނުމަކީ ރާއްޖޭގެ ސަގާފަތާއި ތާރީޚު ދެމެހެއްޓުމާއެކު، ރާއްޖޭގެ ދީނީ ސަގާފަތުގެ ތެރެއަށް ވަންނަ ބިދޭސީ އާދަކާދަތަކުން ސަލާމަތްވެ، ދިވެހިވަންތަ ސިފަތައް ކުރިއެރުވުމެވެ. މީގެކުރިން ރާއްޖޭގެ އިމާމުންނާއި ޚަތީބުންނަށް ޚާއްސަ ރަސްމީ ފޭރާމެއް ކަނޑައެޅިފައެއް ނުވެއެވެ.





