ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށްދަނީ

ހއ. ހޯރަފުށީގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން، މަގުތަކުގެ ދުވާރުގައި ގާ އެތުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ

ރަށުގެ އުމްރާނީ ތަރައްގީއަށް ކުރެވޭ އެންމެ މުހިންމު އެއް އިންވެސްޓްމަންޓްގެ ގޮތުގައި ކުރިއަށްގެންދާ، ޖުމްލަ 30.46 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، މަގުތަކުގެ ސަބްބޭސް ތައްޔާރުކުރުމާއި، އޭބީސީ ފަށަލަ އެޅުމާއި، ތާރުއެޅުމުގެ އިތުރުން މަގުތަކުގެ ފެހިކަން ދެމެހެއްޓުމަށް ޚާއްސަ ގްރީން އޭރިއާތައް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެއިތުރުން، ޒަމާނީ ފެންވަރަކަށް މަގުތައް ތަރައްގީކުރުމަށްޓަކައި ކޭބަލް ޖަންކްޝަންތަކާއި ޚިދުމަތްދޭ ސަރވިސް ލައިންތައް ބިންމަޑުކޮށް ވަޅުލުމާއި، ޒަމާނީ ފެންވަރުގެ މަގުބައްތި ހަރުކުރުމާއި، އަދި މަގުމަތީގައި ރައްކާތެރިކަމާއެކު ދުއްވޭނެގޮތް ހެދުމަށް މަގުތަކުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްތައް ވެސް މި މަޝްރޫއުގެ ތެރެއިން ދަނީ ހިންގަމުންނެވެ.

ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިން އެމްޓީސީސީން ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ހޯރަފުއްޓަކީ އިގުތިސާދީ އަދި އިޖްތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ، އަދި ގިނަ އަދަދެއްގެ ބަރު އުޅަނދުތައް ދަތުރުކޮށް ހަރަކާތްތެރިވާ ރަށަކަށްވާތީ، ފެންވަރު ރަނގަޅު، ޒަމާނީ މަގުތަކެއް ޤާއިމުކުރެވިފައި އޮތުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެކެވެ.

މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމުނުއިރުވެސް ރަށުގެ މަގުތަކުގައި ފެންބޮޑުވުމާއި ހިރަފުހުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވަމުންދިޔަ މައްސަލަތަކަށް ބޮޑު ލުޔެއް ލިބިފައިވެއެވެ. އަދި މިހާރު ކުރިއަށްދާ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް އެއްކޮށް ނިމިގެންދާއިރު، ރަށުގެ މުޅި މަގުތަކުގެ ނިޒާމަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ލިބި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް މައްޗަށް ގޮސްގެންދާނެއެވެ. މަގުހެދުމުގެ މި ބޮޑު މަޝްރޫއުގެ އިތުރުންވެސް، އެމްޓީސީސީން ވަނީ ހޯރަފުށީގެ ތަރައްގީއަށް އިންގިލާބީ އަދި ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައެވެ. އެގޮތުން، ރަށަށް ބޮޑު އިގުތިސާދީ ދިރުމެއް ގެނެސްދިން ހޯރަފުށީ އެއަރޕޯޓް ތަރައްގީކުރުމާއި، ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ހިންގުނު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫއު ފާހަގަކޮށްލެވެނީ ރަށުގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް