ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ސައުދީ އަރަބިއްޔާއަކީ މުހިންމު ޙިއްސާއެއް އަދާކުރާ ޤައުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވާހާ ގުޅުވައިގެން ފޮނުއްވެވި ތަޙުނިޔާގެ މެސެޖުގައެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ސަޢުދީގެ ޤައުމީ ދުވަހުގެ ތަހުނިޔާ މާތްވެގެންވާ ދެ ހަރަމްފުޅުގެ ޚާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށާއި، ޝާހީ އާއިލާގެ އިތުރުން އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވާފައެވެ.
ރާއްޖެއާއި ސައުދީއާ ދެމެދު އޮތީ އެތަށް ސަތޭކަ އަހަރުވީ ގުޅުމެއްކަމަށާއި، އެއީ ދެ ޤައުމުގެ އިސްލާމީ ވަހުދަތާ ގުޅިލާމެހިފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، ސައުދީން ރާއްޖެއަށް ވެދެމުންދާ އެންމެހާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޚާއްސަކޮށް އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ސައުދީން ވެދެއްވާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ގުޅުން ދަމަހައްޓައި، ރަޙުމަތްތެރިކަމާއެކު ކުރެވޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދެވޭނެކަމުގެ ޔަގީންކަން އޮތްކަން ހާމަކުރައްވަމުން، ރައީސް ވަނީ ސައުދީ އަރަބިއްޔާއަށް ހަމަޖެހުމާއި ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ސައުދީ އަރަބިއްޔާއަކީ ޒަމާނުއްސުރެ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮންނަ، އަދި އެކި ރޮނގުތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމެކެވެ. އެގޮތުން ޙައްޖުގެ އަޅުކަމުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމުގައި ދޭ ފުރުޞަތުތަކާއި، ދީނީ ދާއިރާތަކުން އުނގެނި ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ބޮޑެތި އެހީތެރިކަން ދެމުން އަންނައިރު، ރާއްޖޭގެ އުމްރާނީ އަދި އިޤްތިޞާދީ ކުރިއެރުމަށް ހިންގާ ބޮޑެތި މަޝްރޫޢުތަކަށްވެސް ސައުދީގެ އެހީތެރިކަމާއެކު މާލީ އެހީ ފޯރުކޮށްދެމުންދެއެވެ.





