ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި މަހަށް ނުކުމެއުޅުނު ރ. ދުވާފަރު ދޯންޏަކުން ފީނަން ފޭބި މީހަކު ހާލުދެރަވެގެން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ރ. ދުވާފަރު، ލިލީމާގެ، އުމުރުން 30 އަހަރުގެ މުޙައްމަދު ޝައްފާންއެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ފީނަން ފޭބުމަށްފަހު ދޯންޏަށް އެރިފަހުން އޭނާގެ ހާލުދެރަވެގެން ށ. މަރޮށި ސިއްހީ މަރުކަޒަށް ގެންދިޔަ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ މެންދުރުފަހު 15:20 އެހައިކަންހާއިރުއެވެ.
މަރޮށި ސިއްޙީ މަރުކަޒަށް އޭނާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.





