ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާތަކާ ގުޅިގެން މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
މި މަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ފޮނުވި ޗިޓުގައި މާދަމާ ހެނދުނު 9:15 އަށް ކޯޓަށް ހާޒިރުވުމަށް އަންގާފައިވީ ނަމަވެސް، މާދަމާގެ އަޑުއެހުން ކެންސަލްކުރީ ދައުލަތުގެ ވަކީލުން އާލާސްކަންފުޅާ އުޅުއްވާތީ އެމަޖެންސީގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިގެން މައްސަލަ ކެންސަލްކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދިފައިވާތީ ކަމަށް ކޯޓުން ވަނީ މައުލޫމާތުދީފައެވެ.
ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ހާޒިރުކުރުމަށް ތާވަލުކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ވާހަކަދެއްކުމަށް ބާއްވާ އަޑުއެހުމަކަށެވެ. ފުއްގިރި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ގައި ދަށު ކޯޓުން ވަނީ ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައެވެ. ނަމަވެސް، އިސްތިއުނާފީ މަރުހަލާއަށްފަހު 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް އަންގާފައެވެ.
ހައިކޯޓުން މައްސަލަ އަލުން ބަލަން އެންގިއިރު، ދަށު ކޯޓުގައި މައްސަލަ ހިނގިއިރު ދައުލަތުން ހުށަހެޅި އައު ހެކިތައް އަލުން ބަލާއިރު ބަލައިނުގަނެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. ދަށު ކޯޓުން މީގެ ކުރިން ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އެ އައު ހެކިތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށްވާއިރު، އެފަދަ އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުންވެސް ވަނީ މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ނިންމާފައެވެ. އާރަށު މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ނިމިފައިވީ ނަމަވެސް، ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް އަދިވެސް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.





