ހިމަބިހި (މީސްލްސް)

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 13 ކޭސް ވަނީ ފެނިފައެވެ. މިއާއެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 282 އަށް އަރާފައެވެ.

ރާއްޖެއަކީ ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ގައުމަކަށް ވީނަމަވެސް، އެކި ދުވަސްވަރު މި ބަލީގެ ކޭސްތައް ފެންނަމުންދާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް އެޗްޕީއޭއިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބަލިޖެހިފައިވާ މީހުން ދެނެގަތުމާއި، އެމީހުންނާ މުއާމަލާތްވި ފަރާތްތައް ހޯދައި ވެކްސިން ދިނުމުގެ އިތުރުން، އާންމުން ހޭލުންތެރިކުރުވުމުގެ ޚާއްޞަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެޗްޕީއޭގެ ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 16،423 ފަރާތަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ. އަދި އަޅަމުންދާ ފިޔަވަޅުތަކާއެކު، ކުރިއާ އަޅާބަލާއިރު ބަލިޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިހާރު ވަނީ ދަށްވާން ފަށާފައެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭއިން ވަނީ އާންމުންނަށް ޚާއްޞަ އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ސިއްހީ ފަރުވާދޭ ތަނަކަށް ދާއިރު އަދި ހުމާއި ރޯގާގެ އަލާމާތެއް ހުރެގެން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ. މީގެއިތުރުން، ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓުކޮށްފިނަމަ، ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ހުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް