ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މިދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ބަލިން ރައްކާތެރިވުމުގެ ގޮތުން ކެއުމުގެ ކުރިންނާއި، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން އަދި ފާޚާނާކުރުމާއި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. މީގެ އިތުރުން ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމަށާއި، ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވުމުގެ އިތުރުން ކެއްކުމަށާއި ފެން ބުއިމަށް ބޭނުންކުރާ ތަކެއްޗާއި ތަންތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށްވެސް އިރުޝާދުދީފައިވެއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިއްޖެނަމަ، ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށްޓަކައި ލޮނުޕެކެޓާއި، ސޫޕް އަދި ކުރުނބާފެން ފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރުމަށާއި ތުއްތުކުދިންނަށް ގާތުން ކިރުދިނުން ކުރިއަށްގެންދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

އާދަޔާ ޚިލާފަށް ކަރުހިއްކުމާއެކު ބޮލަށް އެނބުރުން އެރުން، މާބޮޑަށް ވަރުދެރަވުން ނުވަތަ ބަނޑުގައި ގަދައަށް ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފައެވެ. އަދި ބަލި ފެތުރުން ކުޑަކުރުމުގެ ގޮތުން، އަލާމާތްތައް ކެނޑޭތާ މަދުވެގެން އެއް ދުވަސް ވަންދެން ކުދިން ސްކޫލަށް ނުފޮނުވުމަށާއި ބޮޑެތި މީހުން ވަޒީފާއަށް ނުނިކުތުމަށްވެސް އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް