ނާލާފުށީ ފިޓްނަސް ސެންޓަރުގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ފެށިއްޖެ

މ. ނާލާފުށީގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު، އިމާރާތުގެ ތަނބުތަކުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢު ނިމުމުން، ނާލާފުށީގެ ޒުވާނުންނާއި އާންމު ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް މަގުފަހިވެ، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށް އެކަށީގެންވާ ރަނގަޅު މާޙައުލެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޅިވަރުގެ ވަސީލަތްތަކާއި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ. އެގޮތުން ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، ގިނަ ރަށްރަށުގައި ފިޓްނެސް ސެންޓަރުތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތައް އެޅުމުގެ މަޝްރޫޢުތައް މިހާރުވެސް ދަނީ ހިނގަމުންނެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކޮށް ނިންމުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް