ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މި ނިންމެވުން ނިންމެވީ މި މަހުގެ 20 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން މިއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހަށް މައްސަލަ ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީ" އަކީ 5 އެޕްރީލު 2010 ގައި ރާއްޖެއިން ތަޞްދީޤުކޮށްފައިވާ މުޢާހަދާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް އިތުރަށް ހަރުދަނާކޮށް، މެންބަރު ޤައުމުތައް ބައިނަލްއަގުވާމީ ފެންވަރުގައި ޒިންމާދާރުކުރުވުމަށް އެކުލަވާލާފައިވާ މުހިންމު އިގުރާރެކެވެ.
މި އޮޕްޝަނަލް ޕްރޮޓޮކޯލްގެ ދަށުން މުހިންމު ދެ ނިޒާމެއް ގާއިމުކުރެވިގެންދެއެވެ. އޭގެ ތެރެއިން ފުރަތަމަ ނިޒާމަކީ، ޤައުމީ ފެންވަރުގައި ލިބޭ ގާނޫނީ ފަރުވާތަކުގެ މަރުހަލާ ފުރިހަމަކުރުމަށްފަހުވެސް ޙައްޤެއް ނިގުޅައިގަނެވިފައިވާނަމަ، ވަކިވަކި ފަރުދުންނަށް އދ. ގެ ކޮމިޓީއަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު (އިންޑިވިޖުއަލް ކޮމިއުނިކޭޝަންސް) ލިބިދޭ ނިޒާމެވެ. ދެވަނަ ނިޒާމަކީ، މެންބަރު ޤައުމަކުން މުޢާހަދާއާ ޚިލާފަށް ނިޒާމީ ގޮތެއްގައި ބޮޑެތި ޙައްޤުތަކަކަށް އަރައިގެންފައިވާ ކަމަށް އިތުބާރުހުރި މައުލޫމާތު ލިބިއްޖެނަމަ، އެކަމެއް އދ. ގެ ކޮމިޓީން އިންކުއަރީއެއް ހިންގައި ބެލުމުގެ ބާރު ލިބިދޭ ނިޒާމެވެ.
ރާއްޖެއިން 2010 ވަނަ އަހަރު މުޢާހަދާ ތަޞްދީޤުކުރި ނަމަވެސް، މިހާތަނަށް އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވެފައެއް ނުވެއެވެ. އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަގުވާމީ އެކި ރިވިއުތަކުގައިވެސް، މި ޕްރޮޓޮކޯލް ވީ އެންމެ އަވަހަކަށް ތަޞްދީޤުކުރުމަށް ރާއްޖެއަށް ގިނަ އިރުޝާދުތަކެއް މީގެ ކުރިން ދީފައިވެއެވެ.





