ޕާކިސްތާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް މަޖިލީހުގެ ޕީއެންސީ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުން ޕާކިސްތާނަށް ފުރުން

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގުރޫޕުގެ ރަސްމީ ވަފުދެއް އިއްޔެގެ ވަގުތެއްގައި ޕާކިސްތާނަށް ފުރައިފިއެވެ. ޕީއެންސީގެ ރަސްމީ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅަކީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ޚާއްސަ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ޕާކިސްތާނަށް ވަޑައިގެންނެވި މި ވަފުދުގެ އިސްވެރިއަކަށް ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވާ މި ވަފުދުގައި ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ނައިބު ލީޑަރުންގެ އިތުރުން، ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއާއި އެހެނިހެން ގިނަ މެންބަރުންތަކެއް ހިމެނިވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި ގާނޫނީ ދާއިރާއިންނާއި މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ތަޖުރިބާއާއި ހިޔާލު ބަދަލުކުރެއްވުމެވެ.

މިއީ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެއް ނޫނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް އެމަނިކުފާނު ވަނީ ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާއި، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދުދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް