އަމީނީ މަގު މަރާމާތު ކުރުމުގެ ބޮޑު މަޝްރޫޢުގެ ތެރެއިން ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން އެއްކޮށް ނިންމާލައިފިއެވެ. ދެ ފަށަލައަށް ތާރުއަޅައިގެން ކުރިއަށްދިޔަ މި މަސައްކަތް މިއަދު ހެނދުނު ވަނީ ނިންމާލާފައެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ ނިމިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި އިއްޔެ ތާރުގެ ދެވަނަ ފަށަލަ އެޅުމަށްފަހު މިއަދު ހެނދުނު ވަނީ އެ މަސައްކަތް އެއްކޮށް ނިންމާލާފައެވެ. ތާރުއެޅުން ނިމުމާއެކު، ދެން ކުރިއަށްދާނީ މަގުގައި ނިޝާންތައް ކުރެހުމާއި އެންމެ ފަހުގެ ނިންމުންތައް ނިންމުމުގެ މަސައްކަތެވެ.
އަމީނީ މަގުގެ ތާރުފަށަލަ ހަލާކުވުމާ ގުޅިގެން އެ މަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މަސައްކަތް ބަހާލައިގެން ކުރިއަށްދާއިރު:
-
ސެގްމަންޓް 1: އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށް (މަސައްކަތް ނިމިފައި)
-
ސެގްމަންޓް 2: އިއްޒުއްދީން މަގުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް (ދެން ފެށުމަށް ހަމަޖެހިފައިވާ ބައި)
ފަންނީ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި އަމީނީ މަގުގެ އެ ސަރަޙައްދު އަވަހަށް ހަލާކުވާން ދިމާވި މައިގަނޑު ސަބަބަކީ ކުރިން ތާރުއެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުފަހަރަށް މަގު ހުޅުވާލުމެވެ. ޚާއްޞަކޮށް އެ ސަރަޙައްދަކީ ބަސް ދަތުރުކުރާ ސަރަޙައްދަކަށް ވުމާއި، ރާއްޖޭގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ތާރުގަނޑަށް ކުރި އަސަރުތައް ހިމެނެއެވެ.





