ގއ. ކަނޑުހުޅުދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގްރާމުގެ ތަކެތި ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ގެމަނަފުށީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ކަނޑުހުޅުދޫގެ ދެ ގެއެއް ބަލައިފާސްކޮށްފައިވާއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވަނީ މި ބަލައިފާސްކުރުމުގެ ތެރެއިންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
-
މުޙައްމަދު މަޤުޞަދު (45 އަހަރު) – ލިންކިން ޕާރކް / ގއ. ކަނޑުހުޅުދޫ
-
ޢަބްދުއްރައްޒާޤު ޙަސަން (50 އަހަރު) – ފުނަމާގެ / ގއ. ކަނޑުހުޅުދޫ
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު މަޤުޞަދުގެ ބަންދަށް 5 ދުވަސް އަދި ޢަބްދުއްރައްޒާޤު ޙަސަންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.





