ދޯންޏެއްގައި މަސްވެރިން

މިފްކޯއިން މަސް ގަންނަ އަގު މަތިކޮށް، މިއަދުން ފެށިގެން ކިލޯއެއް 22 ރުފިޔާގެ މަގުން މަސް ގަންނަން ފަށައިފިއެވެ. މިއީ މާކެޓްގެ ހާލަތަށް ބަލައި، ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި އެ ކުންފުނިން މަހުގެ އަގަށް ބަދަލު ގެނެސްފައިވާ ހަތަރުވަނަ ފަހަރެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް މަސްވެރިކަން އާންމުގޮތެއްގައި ދަށް ދުވަސްވަރެއް ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ދިވެހި މަހަށް އޮތް ޑިމާންޑް އިތުރުވެ، ރަނގަޅު އަގެއް ލިބެމުންދާތީ މިފްކޯއިން ވަނީ އަގަށް ހެޔޮ ބަދަލެއް ގެނެސްފައެވެ. އެންމެ ފަހުން އޮގަސްޓް 29 ގައި މަސް ކިލޯއެއްގެ އަގު 20 ރުފިޔާއިން 21 ރުފިޔާއަށް މަތިކުރުމަށްފަހު، މިއަދު އަނެއްކާވެސް ވަނީ އިތުރު 1 ރުފިޔާ ބޮޑުކޮށްފައެވެ. މީގެ ކުރިން މިދިޔަ ޖޫން މަހު މަސް ކިލޯއެއްގެ އަގު 18.50 ރުފިޔާއަށް މަތިކުރުމަށްފަހު، އެ މަހު ފަހުން ވަނީ 20 ރުފިޔާއަށްވެސް އަގު ބޮޑުކޮށްފައެވެ.

މިފްކޯއިން މަހުގެ އަގު ކަނޑައެޅުމުގައި މިހާރު ބޭނުންކުރަނީ ބާޒާރުގެ ޑިމާންޑާއި ސަޕްލަޔަށް ބަލައި އަގު ބަދަލުވާ "ފްލޯޓިން ޕްރައިސް" އުސޫލެކެވެ. މީގެ ކުރިން ވަކި އަގެއްގައި ހިފެހެއްޓުމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވި ނަމަވެސް، ބާޒާރަށް ބިނާކޮށް އަގު ކަނޑައަޅަން ފެށުމާއެކު މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެ ނިޒާމެއް ވަނީ ޤާއިމުކުރެވިފައެވެ.

މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން އަންނނީ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމާއި، މަހުގެ ކޮލިޓީ ހިފަހައްޓައި އަގުއެއްކުރި (ވެލިއު އެޑެޑް) އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއަދުން ފެށިގެން މިފްކޯގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ކާރުހާނާގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، ހއ. އިހަވަންދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުތަކުން އާ އަގުގައި މަސް ގަންނަމުންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް