ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅަން ނިންމާފައިވާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ރަސްމާލެއަށް ތަރައްގީގެ ބޮޑު އިންގިލާބެއް އައުމުގެ އިތުރުން، ހުޅުމާލޭގައި 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެކި ފެންވަރުގެ ހައުސިން ޔުނިޓްތައް ގާއިމުކުރެވިގެންދާނެއެވެ. މިއީ ރާއްޖޭގައި ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ލިބިގެންދާނެ އެންމެ ބޮޑު އެއް ކުރިއެރުމެވެ.
މި މަޝްރޫއު ކުރިއަށްދާނެ ގޮތުގެ ތަފުސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އީގަލް ހިލްސް ކުންފުނީގެ އަމިއްލަ ހަރަދުގައި ބިނާކުރާ ތަންތަން ކަމަށެވެ. އެގޮތުން މި މަޝްރޫއަށް ދައުލަތުން އެއްވެސް ވަރަކަށް ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭނެ ކަމަށާއި، މި ތަންތަނަށް ފައިސާ ދައްކާނީ މަޝްރޫއު މުޅިން ނިމި، އެ ތަންތަން ވިއްކައިގެން ލިބޭ އާމްދަނީން ކަމަށްވާތީ މިއީ ދައުލަތުގެ މާލީ ހާލަތަށް އިތުރު ބުރައަކަށް ނުވެ ހިންގޭ ފެންވަރު ރަނގަޅު މަޝްރޫއަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
.





