ސޯސަންމަގުގައި ރޭ ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 26 އަހަރުގެ ދިވެހި އަންހެން މީހާގެ ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ދަންވަރު 01:13 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި މި ހާދިސާގައި ޖުމްލަ ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެ މީހުންނަކީ އުމުރުން 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ ދެ މީހުންނަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެ މީހުންގެ ހާލަތުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. މީސްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އަނިޔާވި އަންހެން މީހާގެ ބޮލުން ވަރަށް ގިނައިން ލޭ ފައިބައި، ހަރަކާތެއް ނެތި ވެއްޓިފައި އޮތްއިރު، އަނެއް ދެ ފިރިހެނުންނަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ މަންޒަރު ފެނެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން 21 އަހަރުގެ މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވަމުންދާއިރު، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 2,100 އަށްވުރެ ގިނަ އެކްސިޑެންޓު ވަނީ ރިޕޯޓުކޮށްފައެވެ.





