މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުންނާއި އެ ނޫންވެސް އެކި ސަބަބުތަކާ ހުރެ ފުލުހުން ޓޯ ކޮށްފައިވާ އުޅަނދުތަކެއް، ޓްރަކަކަށް އަރުވައިގެން ގެންގޮސް ޓޯޔާޑަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުން އެކަމުގެ ހަގީގަތް ސާފުކޮށްދީފިއެވެ.
ފުލުހުން ވިދާޅުވީ މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ އެ ވީޑިއޯއިން ފެންނަނީ، ގާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖްރާއަތްތައް ފުރިހަމަކުރުމަށް ފަހު، ނައްތާލުމަށް ރަސްމީކޮށް ހުއްދަ ލިބިފައިވާ އުޅަނދުތަކެއް ނައްތާލުމުގެ މަސައްކަތް ކުރިއަށްދިޔަ މަންޒަރު ކަމަށެވެ.
ފުލުހުންގެ ބަޔާނުގައިވާ ގޮތުން، އެ ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ ޓޯ ކުރުމަށްފަހު ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި އޭގެ ވެރިފަރާތްތަކުން ހަވާލުވެފައިނުވާ އުޅަނދުތަކެކެވެ. ގަވާއިދުގައިވާ މުއްދަތު ހަމަވެ، އެކި ފަހަރުމަތިން އާންމުކޮށް އިއުލާނުކުރުމުންވެސް ވެރިފަރާތްތަކުން ހަވާލުވާން ނުދިއުމުގެ ސަބަބުން، ކަމާބެހޭ އިދާރާތަކުގެ ހުއްދައާ އެކު އެ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ފާހަގަކުރިއެވެ. އަދި ވީޑިއޯއިން ފެންނަ ފަދައިން އެ އުޅަނދުތައް ޓްރަކަށް އަރުވައިގެން ގެންގޮސްފައިވަނީ، ތިލަފުއްޓަށް ކުނީގެ ގޮތުގައި ގެންގޮސް ނައްތާލުމަށްޓަކައި ހުޅުމާލެ ފޭސް 2 ގައި އަލަށް ހަމަޖެއްސި ފުލުހުންގެ ޓޯޔާޑުގައި ކުނީގެ ގޮތުގައި އެ އުޅަނދުތައް އެއްކޮށް، ބަރުކުރަމުންދިޔަ ވަގުތު ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މިފަދަ އުޅަނދުތައް ދުވަސްވުމުގެ ސަބަބުން ޔާޑުތައް ފުރި، ތަފާތު ސިއްހީ އަދި ތިމާވެށީގެ މައްސަލަތައް ކުރިމަތިވަމުންދާތީ، ގާނޫނީ ފްރޭމްވަރކްގެ ތެރެއިން މި ތަކެތި ނައްތާލުމުގެ މަސައްކަތް މީގެ ކުރިންވެސް ފުލުހުން މެދުކެނޑުމެއްނެތި ކޮށްފައިވެއެވެ. އަދި އުޅަނދުތަކުގެ ވެރިފަރާތްތަކުން ވީހާވެސް އަވަހަށް ޓޯކޮށްފައިވާ އުޅަނދުތަކާ ހަވާލުވުމަށާއި، މަގުތަކާއި ޔާޑުތަކުގެ ޖާގަ ގެއްލި، ތިމާވެއްޓަށް ގެއްލުން ވިޔަ ނުދިނުމަށް އެޅޭ މިފަދަ ފިޔަވަޅުތަކަށް އާންމުންގެ އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.





