އޮޔާ ދިޔަ ބޯޓުތައް

މާލޭ ކައިރީގައި އަޅާފައި އޮއްވައި ނަގިލި ކަނޑައިގެން އޮޔާ ގޮސް، ސިނަމާލޭ ބްރިޖުގައި ޖެހުނު ދެ ބޯޓުގެ މައްސަލާގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ގާނޫނާއި ގަވާއިދާ ހިލާފުވެފައިވޭތޯ ބެލުމުގެ މަސައްކަތް އަމިއްލައަށް އިސްނަގައިގެން ކުރަމުންދާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު ބުނެފިއެވެ.

އެންއައިސީން ނެރުނު ބަޔާނެއްގައި ބުނީ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް "އޭއެލް 1" އާއި "އެމްޓީ ކޭޖީ 1" ނަމަކަށް ކިޔާ ދެ ބޯޓު އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާއާ ގުޅިގެން، ކަސްޓަމްސްއިން އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފު އަމަލެއް ހިންގާފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ. މި މަހުގެ 10 ވަނަ ދުވަހު ހިނގި މި ހާދިސާގައި ބްރިޖަށް ބޮޑު ސްޓްރަކްޗަރަލް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ކޫރުންތަކެއް އެޅިފައިވާ ކަމަށް ބްރިޖު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ހަވާލާދީ ހައުސިން މިނިސްޓަރު ވަނީ މައުލޫމާތު ދެއްވާފައެވެ.

އޮމާންގެ ޝިނާސްއިން ފުރައިގެން އިންޑިއާގެ ކަންޑްލާއަށް ދަތުރުކުރާ ކަމަށް ބުނާ މި ދެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، އެއްވެސް އިދާރާއަކަށް އެނގުމެއް ނެތި މާލެ ކައިރީގައި އަޅާފައި އޮއްވައި ފާހަގަކުރެވިފައިވަނީ މިދިޔަ މެއި މަހުގެ 3 ވަނަ ދުވަހުއެވެ. ދޫނިދޫއާއި މާލެއާ ދެމެދު އަޅާފައި އޮތް މި ދެ ބޯޓު އޮޔާދިޔައީ އައި ބާރުގަދަ ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އަދި ބްރިޖުގައި ޖެހުމުގެ ކުރިން މާލޭ ކާނިވާ ސަރަހައްދުގެ ބޭރުން ފަރުމައްޗަށްވެސް އެ ބޯޓުތައް އުރުނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް