ޔޫއޭއީގެ "އީގަލް ހިލްސް" އިން ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު ރޭވިފައިވަނީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބޭގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގައި ތަރައްޤީކުރާ ތަންތަނުގެ ލީސް ރައިޓްސް ވިއްކައިގެން ލިބޭ ހުރިހާ އާމްދަނީއެއް ފުރަތަމަވެސް ޖަމާކުރާނީ ރާއްޖޭގެ ބޭންކެއްގައި ސަރުކާރާއެކު ގާއިމުކުރާ އެސްކްރޯ އެކައުންޓަކަށް ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އިޤްތިޞާދަށް އަހަރަކު ވަންނަ 5 ބިލިއަން ވަރަކަށް ޑޮލަރުގެ ބޮޑު ބައެއް ރާއްޖެއިން ބޭރަށް ދާކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ފާހަގަކުރެއެވެ. ނަމަވެސް، މި މަޝްރޫޢުގެ ސަބަބުން ޑޮލަރުގެ ދައުރުވުން ދިވެހި ބޭންކިން ނިޒާމުގެ ތެރޭގައި ހިފެހެއްޓި، އިޤްތިޞާދަށް ބޮޑެތި އެދެވޭ ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ލީސް ރައިޓްސް ވިއްކައިގެން މަޝްރޫޢުގެ ފުރަތަމަ އަހަރު ރާއްޖެއަށް 30 ބިލިއަން ޑޮލަރު ވަންނާނެ ކަމަށާއި، އޭގެ ފަހުން އެތަންތަން ހިންގައިގެން އަހަރަކު ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރު އިޤްތިޞާދުގެ ތެރެއަށް ވަންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާ ދައްކާނީ ރާއްޖޭގައި ލައިސަންސް ދީފައިވާ ބޭންކުތައް މެދުވެރިކޮށެވެ. އަދި އެއްވެސް ޓެކްސް ހޮލިޑޭއެއް ނުވަތަ އިސްތިސްނާއެއް ނުދީ، އާންމު ގާނޫނުތަކުގެ ދަށުން ޓެކްސް ނަގާ ގޮތަށް ހަމަޖެހިފައިވާއިރު، ވިޔަފާރި އުސޫލުން ތަރައްޤީކުރާ ތަންތަން ވިއްކައިގެން ލިބޭ އާމްދަނީގެ 10 އިންސައްތައާއި ރިއަލް އެސްޓޭޓް މުޢާމަލާތްތަކުން 4 އިންސައްތައިގެ ރަޖިސްޓްރޭޝަން ފީއެއް ސަރުކާރަށް ލިބޭނެއެވެ. މި މަޝްރޫޢު ހިންގާ އީގަލް ހިލްސްއަކީ ދުނިޔޭގެ އެންމެ އުސް ބިނާ "ބުރްޖް ޚަލީފާ" އަދި "ދުބާއީ މޯލް" ފަދަ މަޝްރޫޢުތައް ހިންގި "އެމާރ" ކުންފުނީގެ ބާނީ މުޙައްމަދު އަލްއައްބާރުގެ ކުންފުންޏެކެވެ.





