ގައްދޫ

ގާނޫނާއި ގަވާއިދާ ހިލާފަށް، ޓެސްޓު ނުހަދައި ގިނަ އަދަދެއްގެ ބަޔަކަށް ލައިސަންސް ދޫކުރި މައްސަލައެއް ފަޅާއެރުމާ ގުޅިގެން ގާފު ދާލު ގައްދޫ ކައުންސިލުން އެއްގަމާއި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ހިދުމަތް މެދުކަނޑާލައިފިއެވެ.

މި މައްސަލަ ފަޅާއަރާފައިވަނީ މާލޭގައި ހުރި މީހަކު މި އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ލައިސަންސަށް އެދި ހުށަހެޅުމުން، ޖެހިގެން އައި ދުވަހު ގައްދޫ ކައުންސިލުން އެ މީހާއަށް ލައިސަންސް ދޫކޮށްފައިވާކަން އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބުމާ ގުޅިގެންނެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ގައްދޫ ކައުންސިލުން 1,600 އަށްވުރެ ގިނަ ލައިސަންސް ދޫކޮށްފައިވާއިރު، މިއީ މަހަކު އެވްރެޖްކޮށް 133 ލައިސަންސެވެ. ނަމަވެސް، އެގްޒާމިނަރުންގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ރަށުގައި ހަފްތާއަކު ޕްރެކްޓިކަލް ޓެސްޓު ހަދަނީ އެންމެ 2 ނުވަތަ 3 މީހުންނެވެ. މިއީ ޓެސްޓާ ނުލައި ގަވާއިދާ ހިލާފަށް ބޮޑު އަދަދަކުން ލައިސަންސް ދޫކުރަމުންދިޔަކަން ހާމަވާ ސަރީހަ ހެއްކެކެވެ.

މި މައްސަލައިގެ ތުހުމަތު އަމާޒުވެފައިވަނީ ގައްދޫގެ 4 ވަނަ ދައުރުގެ ކައުންސިލްގެ ބައެއް މެމްބަރުންނަށެވެ. މައުލޫމާތު ލިބޭ ގޮތުގައި މި އަމަލަކީ ކައުންސިލްގެ ބައެއް މެމްބަރުން އިސްވެ ތިއްބަވައިގެން، ނަހަމަ ގޮތުގައި މާލީ ފައިދާތަކެއް ހޯދުމުގެ މަގުސަދުގައި ހިންގާފައިވާ ގާނޫނާ ހިލާފު ކަންތައްތަކެކެވެ. އަދި މި ގަވާއިދާ ހިލާފު އަމަލުތައް ހިންގުމަށްޓަކައި ކައުންސިލްގެ ސިވިލް ސާވިސް މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ގިނަ ކަންކަން ކުރުވާފައިވާ ކަމަށްވެސް ބަޔާންތަކުން އެނގެއެވެ.

މި މައްސަލަ ބެލުމަށްޓަކައި ކަމާބެހޭ މިނިސްޓްރީގެ އިސް ބޭފުޅުންގެ ޓީމެއް ވަނީ ގައްދޫއަށް ވަޑައިގެން، ކައުންސިލްގެ މަސައްކަތްތައް މޮނިޓަރ ކުރުމުގެ ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިއާއެކު ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކޮށް ގާނޫނީ ހަމަތަކުގެ މަތިން އަލުން ހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކައުންސިލުން އަންނަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް