ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން ބުނީ، މިހާރު ކުރިއަށްދަނީ ލީން ކޮންކްރީޓް މަސައްކަތްތަކާއި، ސްޓްރިޕް ފޫޓިންގ ކޮންކްރީޓް މަސައްކަތްތަކުގެ އިތުރުން، ޓައި ބީމް ރީއިންފޯސްމަންޓާއި ޝަޓަރިންގ މަސައްކަތްތައް ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން ދިއްދޫގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ 50 އެނދުގެ ޖާގައިގެ ހޮސްޕިޓަލެކެވެ.
މި ހޮސްޕިޓަލުން ތަފާތު ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ރާވާފައިވާއިރު، އޭގެ ތެރޭގައި އައިސޮލޭޝަން ފެސިލިޓީއަކާއި، ރޭޑިއޮލޮޖީގެ ދާއިރާއިން ސީޓީ ސްކޭން، އެމްއާރްއައި، މެމޮގްރަފީ އަދި އަލްޓްރާސައުންޑް ސްކޭންގެ ޚިދުމަތްތައް ހިމެނެއެވެ.
ހަމައެއާއެކު، ކުނި މެނޭޖްކުރާ މަރުކަޒަކާއި، ސިނާޢީ ފެންވަރުގެ ލޯންޑްރީއެއްގެ އިތުރުން އޮކްސިޖަން އުފައްދާ ޕްލާންޓެއް އެޅުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން އެއް ފަންގިފިލާގެ 24 ބްލޮކަކާއި ވަށާފާރު ރޭނުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މި މަސައްކަތަކީ 185.6 މިލިއަން ރުފިޔާގެ އަގަކަށް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.
ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބިންގާ އަޅާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު 24 ވަނަ ދުވަހުއެވެ.





