އަބޫދާބީގެ މަޝްހޫރު ރިއަލް އެސްޓޭޓް ޑިވެލޮޕަރ ކުންފުނި "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 308 ބިލިއަން ދިވެހި ރުފިޔާ) ގެ ބިޔަ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ހިންގުމުގެ ތާރީޚީ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަމަށް ތައުރީފު ކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރަސްމާލޭގައި ވޯޓާފްރަންޓެއް ތަރައްޤީ ކުރުމަކީ ރަނގަޅު ޚިޔާލެއް ކަމަށާއި، ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ހަރުމުދާ ވިއްކުމާއި ޕްރައިވަޓައިޒް ކުރުމަކީ މިވަގުތަށް ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މިވަގުތުން ވަގުތަށް ދައުލަތަށް ފައިސާ ލިބޭނެ ގޮތަށް ހަރުމުދާ ވިއްކުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Dhaulathuge dharani adhaa kurumah privatise kurun, nuvatha harumudhaa vihkumakee rangalhu kameh. Rasmale’ gai waterfront eh develop kurumakee rangalhu khiyaaleh. Ehenas mi vaguthu Raajje maalee dhathi kamun araigathumaa kudakohves gulhun huri kameh noon. Hurihaa kameh enme…
— Mohamed Nasheed (@MohamedNasheed) September 21, 2026
ނަމަވެސް، ނަޝީދުގެ ވެރިކަމުގައި ޕްރައިވަޓައިޒް ކުރުމުގެ ނަމުގައި ދައުލަތުގެ ހަރުމުދާ ދޫކޮށްލި ފަދަ ގޮތަކަށް މުޢާމަލާތް ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއް ނޫނެވެ. ދައުލަތަށް ފައިސާ ހޯދުމުގެ ބަހަނާގައި ދިވެހީންގެ ހަރުމުދާ ވިއްކާލުމުގެ ބަދަލުގައި، ރައީސް މުޢިއްޒު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ކުރީގެ ސަރުކާރުތަކުން ދޫކޮށްލާފައިވާ ދައުލަތުގެ ކުންފުނިތަކުގެ ޙިއްސާތައް އަލުން ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ހޯދައިދެއްވުމަށެވެ.
ދުބައިގެ ބުރުޖު ޚަލީފާ ފަދަ މަޝްހޫރު ބިނާތައް ބިނާކުރި އެމާރ ކުންފުނީގެ ވެސް ބާނީ މުޙައްމަދު އަލާއްބާރުގެ "އީގަލް ހިލްސް" އާއެކު ވެވުނު މި އެއްބަސްވުމަކީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު ސީދާ ބޭރުގެ އިންވެސްޓްމަންޓް މަޝްރޫއެވެ۔ "މާލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި ރަސްމާލޭގައި ތަރައްޤީކުރާ މި މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ ހޯޓާތަކާއި، ރިސޯޓުތައް، ފަކުރީ ރެސިޑެންސްތަކުގެ އިތުރުން މާރީނާ އާއި ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ ބޮޑެތި ވަސީލަތްތައް ގާއިމުކުރެވޭނެއެވެ۔
ސަރުކާރުން ހާމަކުރައްވާ ގޮތުގައި، މި މަޝްރޫޢު ފުރިހަމައަށް ނިމުމުން އަހަރަކު އެކި ޤައުމުތަކުން އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭނެކަމަށް އަންދާޒާކުރެވެއެވެ۔ އަދި މި މަޝްރޫޢުގެ ސަބަބުން ދިވެހީންނަށް 54,000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެއެވެ۔ މި މަޝްރޫޢަކީ ދައުލަތުން ޓެކްސް އިނާޔަތްތަކެއް ނުދީ އަދި ދަރަންޏަށް ޒިންމާނުވެ، ސީދާ ބޭރުގެ އިންވެސްޓްމަންޓް މާލީ ނިޒާމުގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ۔





