ޝެއިޚް އަޙްމަދު ބިން ރާޝިދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ނައިބު ރައީސް އަދި ދުބައިގެ ވެރިޔާ ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ކޮއްކޯފުޅު، ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ޝެއިޚް އަޙްމަދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެ، ދުބައިގެ ވެރިޔާ ޝެއިޚް މުޙައްމަދަށާއި، އަވަހާރަވި ޝެއިޚް އަޙްމަދުގެ އާއިލާއަށް އަދި ޔޫއޭއީގެ އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ އަދާކުރައްވާފައިވެއެވެ.

މީގެއިތުރުން، އެމަނިކުފާނުގެ މެސެޖުގައި ޝެއިޚް އަޙްމަދުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުމަށާއި، މި ބޮޑު ހިތާމައިގެ ވަގުތުގައި އާއިލާއަށާއި ޔޫއޭއީގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.

އުމުރުފުޅުން 76 އަހަރުގައި އަވަހާރަވި ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމަކީ ޔޫއޭއީގެ ޤައުމީ ޚިދުމަތުގައި އަދި ސަރުކާރުގެ އެކި އިސް މަޤާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި، ޔޫއޭއީގައި ވަނީ ރަސްމީކޮށް ހިތާމަފާޅުކުރުމުގެ 10 ދުވަސް އިޢުލާނުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް