ހުޅުމާލެ ފޭސް 2 ގައި އައު މިސްކިތެއް ބިނާކުރުމަށްޓަކައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ޚިދުމަތް ޖަމިއްޔާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން. މިއީ ފަޟީލަތުއްޝައިޚް އިބްރާހިމް ފަރީދުގެ ހަނދާނުގައި ބިނާ ކުރެވޭ މިސްކިތެއް.

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި "ޚިދުމަތް" ޖަމްޢިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، މި މިސްކިތް ބިނާކުރެވޭނީ އިސްލާމީ ޢިލްމީ ލައިބްރަރީއަކާއި ޤުރުއާން ކިޔަވައިދެވޭނެ ކްލާސްރޫމްތަކާއެކު، ޝައިޚް ކުރެއްވި މަސައްކަތްޕުޅުތައް ދިރުވައި އާލާކުރާނެ މަރުކަޒެއްގެ ގޮތުގައެވެ. ރާއްޖޭގެ އިތުރުން، ޝައިޚް ފަރީދުގެ ހަނދާނުގައި އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތެއް ބަންގްލަދޭޝްގައިވެސް ބިނާކޮށް، މިއަހަރުގެ ފެބުރުއަރީ މަހު ވަނީ ހުޅުވާފައެވެ.

ދިވެހި ރައްޔިތުން ދީނީ ކަންކަމަށް، ވަކިން ޚާއްސަކޮށް އިސްލާމްދީނާއި ކީރިތި ރަސޫލާގެ ސުންނަތަށް ހޭލުންތެރިކުރުވުމަށް ގިނަގުނަ ދަރުސްތަކެއް ދެއްވި އުމުރުފުޅުން 53 އަހަރުގެ ޝައިޚް އިބްރާހީމް ފަރީދު ނިޔާވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. އެއީ ދީނީ ދަޢުވަތުގެ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން ކުއާލަލަންޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވަނިކޮށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް