މާފުށީގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައިގައި 5 މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފައިވޭ

ކ. މާފުށީގައި މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގެ ތަހުގީގު ނިންމައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު ހިންގި މި ހާދިސާއާ ގުޅިގެން މާފުށިން ޖުމްލަ ހަ މީހަކު ހައްޔަރުކުރި އިރު، މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ތެރެއިން މާފުށީ ހެވަން، މުހައްމަދު ޝާބިން ޝުޖާއު މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާތީ، އެ ނިންމުން ފުލުހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި ފާއިޒާމަންޒިލް، ހަސަން ނަބީލުގެ ބަންދު މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން އޭނާވެސް ވަނީ ދޫކޮށްލާފައެވެ.

ބަންދުގައި ތިބި ބާކީ މީހުންގެ ތެރެއިން ސްޓާލައިން، އަބްދުﷲ ނިހާދުގެ ބަންދު މުއްދަތު އަންނަ މަހުގެ 4 ވަނަ ދުވަހަށް ހަމަވާއިރު، ގްރީންޕާކް، އިބްރާހީމް ސުނީޒްގެ ބަންދު މުއްދަތު ހަމަވާނީ އަންނަ ބުދަ ދުވަހުއެވެ. މީގެއިތުރުން ވާރޭވިލާ، އަހުމަދު އަހުނަފް އަސްފާގުގެ ބަންދު މުއްދަތު އަންނަ މަހުގެ 11 އަށް ހަމަވާއިރު، ގްރީންޕާކް، މުހައްމަދު ޝައިހާންގެ ބަންދު މުއްދަތު ހަމަވާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް