ރަސްމާލޭ 20 ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަނީ

ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ މަޝްރޫޢެއް ހިންގުމަށާއި، ހުޅުމާލޭގައި 5،000 ހައުސިންގ ޔުނިޓް އަޅައިދިނުމަށް ޔޫއޭއީގެ "އީގަލް ހިލްސް" އާއެކު ދިވެހި ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އަބޫދާބީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލްއައްބާރެވެ.

ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު މައުލޫމާތު ދެއްވި ގޮތުގައި މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓް ޕްރޮގްރާމެވެ. މި މަޝްރޫޢު ކުރިއަށްދާނީ ދައުލަތުން އެއްވެސް ދަރަންޏެއް ނުނަގައި، ސަވަރިން ގެރެންޓީއެއް ނުވަތަ ޓެކްސް އިނާޔަތްތަކެއް ނުދީއެވެ. އަދި މަޝްރޫޢުގެ ހުރިހާ ފައިސާއެއް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދައްކާ ގޮތަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން ދައުލަތަށް 11 ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ ލިބި، 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން އީގަލް ހިލްސްއިން ހުޅުމާލޭގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 5،000 ހައުސިންގ ޔުނިޓް އަޅައިދޭނީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައެވެ. މިކަމަށް ސަރުކާރުން އެއްވެސް މާލީ ޒިންމާއެއް އުފުލަން ނުޖެހޭނެއެވެ. އަދި އެ ތަންތަނުގެ އަގު ސަރުކާރުން ދައްކަން ޖެހޭނީ ހައުސިންގ ޔުނިޓްތައް ނިންމައި ހަވާލުކުރުމުން އެ ތަންތަން ވިއްކައިގެން ލިބޭ ފައިސާއިންނެވެ. މީގެއިތުރުން، ރަސްމާލޭގެ ހިއްކާފައިވާ 500 ހެކްޓަރުގެ ސަރަހައްދުގައި މި މަޝްރޫޢު ކުރިއަށްދިޔަ ނަމަވެސް، ކުރިން އިއުލާންކޮށްފައިވާ ގޮތަށް އާންމު ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ އަދަދުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.

ރަސްމާލޭގައި ތަރައްޤީކުރެވޭ ވޯޓާ ފްރޮންޓް މަޝްރޫޢުގެ ތެރޭގައި މަތީ ފަންތީގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ޒަމާނީ މެރީނާއެއް، ވިޔަފާރި، ސިއްހީ، ތައުލީމީ އަދި މުނިފޫހިފިލުވުމުގެ ތަފާތު ވަސީލަތްތައް ހިމެނޭނެއެވެ. މި މަޝްރޫޢު ހިންގާ އީގަލް ހިލްސްއަކީ 18 އަށްވުރެ ގިނަ ގައުމުގައި އިންވެސްޓްކޮށްފައިވާ ކުންފުންޏަކަށްވާއިރު، ދުނިޔޭގެ އެންމެ އުސް އިމާރާތް "ބުރްޖް ޚަލީފާ" އާއި "ދުބާއީ މޯލް" ތަރައްޤީކުރި މަޝްހޫރު "އެމާރ" ކުންފުނިވެސް މި މަޝްރޫޢުގައި ބައިވެރިވާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް