ބައްސާމް ހިމެނޭހެން، ޓެކްސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

ޓެކުހުގެ އަދަދު އެއް މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ، އަދި ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ 33 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ އާންމުކޮށްފައެވެ. މި ނަންތައް ހާމަކޮށްފައި ވަނީ ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުންނެވެ.

މީރާއިން އާންމުކުރި ލިސްޓުގައި ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އަދި ފީފާއިން އުމުރަށް ސަސްޕެންޑްކޮށް 1.23 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ނަން ހިމެނެއެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގެ އޭކޭޑީއޭ އިންޖިނިއާސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، އާޓިފިޝަލް ބީޗްގައި "ޗީބޯ ކެފޭ" ހިންގާ ޗީބޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ޑުބްލެކްސް ޕްރައިވެޓް ލިމިޓެޑް އަދި މެދުފުށި އިންވެސްޓްމަންޓް ފަދަ މަޝްހޫރު ކުންފުނިތައްވެސް މި ލިސްޓުގައި ފާހަގަކޮށްލެވެއެވެ.

މީރާއިން ބުނި ގޮތުގައި މި މައުލޫމާތު އާންމުކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނާއި އެސްއެމްއެސް މެދުވެރިކޮށް ވަނީ އަންގާފައެވެ. އަދި ލަސްނުކޮށް ބަޔާންތައް ހުށަހަޅައި ފައިސާ ދެއްކުމަށް އިލްތިމާސްކުރަމުން މީރާއިން ބުނީ، ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކުގެ ބޭންކު އެކައުންޓްތައް ހިފެހެއްޓުމާއި، ސަރުކާރުގެ ހިދުމަތްތަކާއި އިމްޕޯޓް އަދި އެކްސްޕޯޓް ހުއްދަތައް ހިފެހެއްޓުމާއި، ސިވިލް ކޯޓުގައި ދައުވާކުރުމާއި، މަސްއޫލުވެރިން ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރުމުގެ އަމުރު ހޯދުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. މީގެއިތުރުން ގަސްދުގައި ޓެކްސްއަށް މަކަރުހަދާ ފަރާތްތަކުގެ މައްސަލަތައް ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގުކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް