ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް މަޝްރޫޢެއް ހިންގަން އީގަލް ހިލްސްއާއެކު ސޮއިކުރުން

ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ (ގާތްގަނޑަކަށް 308 ބިލިއަން ދިވެހި ރުފިޔާ) ބިޔަ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއެކު ދިވެހި ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫޢެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބާނީ އަދި ޗެއާމަން މުޙައްމަދު އަލަޢައްބާރުއެވެ.

ތަފާތު އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން މަތީ ފަންތީގެ ބްރޭންޑެޑް ރެޒިޑެންސްތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ޔޮޓްފަދަ އުޅަނދުފަހަރަށް ޚާއްޞަ ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ހިތްގައިމު ވޯޓަރފްރަންޓް ޕްރޮމެނާޑްތަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތަކުގެ އިތުރުން ހިތްހަމަޖައްސައިލުމާއި ދުޅަހެޔޮކަމަށް ޚާއްޞަ މަރުކަޒުތައްވެސް ގާއިމުކުރެވިގެންދާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ދިވެހި އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ. އެގޮތުން ޖުމްލަ 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބި، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ސާފު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 18 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ލަފާކުރެވެއެވެ. އަދި ސީދާ އަދި ނުސީދާގޮތުން 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދި، މަޝްރޫޢު ފުރިހަމަވުމުން އަހަރަކު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި 1،100 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައިގެން 65،000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ސަރުކާރުން ރާވާފައިވާ ރަސްމާލެ މަޝްރޫޢުގެ ތެރެއިން އެތައް ހާސް ދިވެހި އާއިލާއަކަށް ގެދޮރުވެރިކަން ކަށަވަރުވެގެންދާނެއެވެ. ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް އެކަނި ބަރޯސާވުން ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މިދިޔަ އަހަރުގެ މެއި މަހު ދުބާއީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައިވެސް ސަރުކާރުން ވަނީ ސޮއިކޮށްފައެވެ.

މި މަޝްރޫޢު ހިންގާ އީގަލް ހިލްސްއަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް "ބުރްޖް ޚަލީފާ" އާއި "ދުބާއީ މޯލް" ތަރައްޤީކުރި އެމާރ ޕްރޮޕަޓީސްގެ ބާނީ މުޙައްމަދު އަލަޢައްބާރުގެ އަމިއްލަ ކުންފުންޏެކެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ މިއީ ރާއްޖޭގެ ބޭންކިންގ ނިޒާމަށް ބޭރުގެ ފައިސާ ވަދެ، ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ އުއްމީދީ މަޝްރޫޢެއްކަން ފާހަގަކުރައްވާފައެވެ. އަދި އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލަޢައްބާރު ވަނީ މި މަޝްރޫޢު ޒިންމާދާރުކަމާއެކު ކުރިއަށްގެންގޮސް، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ އައު އުސްމިންތަކަކަށް ގެންގޮސްދޭނެ ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހަދައިދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް