އަލަށް އުފަންވާ ޅަދަރިންނަށް ދެވޭ ޚާއްސަ ފަރުވާ ނުވަތަ "ނިއޯނޭޓަލް ކެއަރ" ގެ ޚިދުމަތަކީ ހަމައެކަނި މާލެއަށް ހަނިވެފައި އޮންނަ ޚިދުމަތަކަށް ނުހަދައި، މުޅި ރާއްޖެއަށް ފުޅާކޮށް ގުޅިލާމެހިފައިވާ ވަރުގަދަ ނިޒާމަކަށް ހެދުމަކީ ގައުމުގެ މުސްތަގުބަލަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ބޭއްވި "ނިއޯކެއަރ ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޖިއޮގްރަފީ އޮންނަ ގޮތުން ކޮންމެ ރަށެއްގައި އެންމެ މަތީ ފެންވަރުގެ ޚާއްސަ ޚިދުމަތްތައް ނުހުރެވުނު ނަމަވެސް، ކުއްޖާ އުފަންވާ ރަށަކަށް ބެލުމެއްނెތި އެކަށީގެންވާ ވަގުތުގައި ރަނގަޅު ފަރުވާ ލިބޭނެ ހަރުދަނާ ރެފަރަލް ނިޒާމެއް އޮންނަންޖެހެއެވެ. އަދި އަތޮޅުތަކުގެ ސިއްހީ ޚިދުމަތްތެރިންނަށް ތަމްރީނާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސްޕެޝަލިސްޓުންގެ ލަފާ ލިބޭނެ މަގުފަހިކޮށްދިނުމަކީ ވުޒާރާގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
އުފަންވާ ފުރަތަމަ ގަޑިއިރުތަކާއި ދުވަސްތަކުގައި ދެވޭ ފަރުވާއަކީ ކުއްޖާގެ މުޅި އުމުރުގެ ދުޅަހެޔޮކަމަށް އެޅޭ އެންމެ މުހިންމު ބިންގާކަން ފާހަގަކުރައްވަމުން، މިފަދަ ޚިދުމަތްތައް ވަރުގަދަ ކުރުމަކީ މުޅި ގައުމުގެ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ވަޒީރު ސިފަކުރެއްވިއެވެ. މީގެއިތުރުން، ދުވަސްނުފުރާ ވިހާ ކުދިންނާއި ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދާ ޅަދަރިން ހޮސްޕިޓަލުން ދޫކޮށްލުމަށްފަހުވެސް، އެކުދިންގެ ސިއްހަތު މޮނިޓާ ކުރެވޭނެ ވަރުގަދަ ފޮލޯ-އަޕް ނިޒާމެއް އޮރުމުގެ މުހިންމުކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. އަދި 2027 ވަނަ އަހަރުގެ ނިއޯކެއަރ ކޮންފަރެންސް ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލެއްގައި ބޭއްވުމަށް ނިންމާފައިވާ ނިންމުމަށް މަރުހަބާ ވިދާޅުވަމުން، މިއީ މާލެއިން ބޭރުގެ ސިއްހީ ޚިދުމަތްތެރިންނާއެކު އޮންނަ ގުޅުން ބަދަހިކޮށް ގައުމީ ފެންވަރުގެ ނެޓްވޯކެއް ބިނާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޑޮކްޓަރުންނާއި، ނަރުހުން އަދި ޕީޑިއަޓްރިކް ޓީމުތަކުގެ އިޚްލާސްތެރި މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.





