ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު، ކ. ކާށިދޫ އަދި ކ. ގާފަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ގައުމީ ވާޖިބު އަދާކުރައްވަނިކޮށް ޝަހީދުވި ސާޖަންޓް އާދަމް ހަލީމްގެ އާއިލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ކާށިދޫއަށް ކުރެއްވި މި ޒިޔާރަތުގައި ސީޕީ ވަނީ އާއިލާގެ މެންބަރުންގެ ހާލުއަހުވާލު އޮޅުންފިލުއްވައި، އެ ފަރާތްތަކާއެކު ވަގުތު ހޭދަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީގެ އިތުރުން ފުލުހުންގެ މުއައްސަސާގެ އިސް އޮފިސަރުންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސީޕީ ވިދާޅުވީ، ޝަހީދު ސާޖަންޓް އާދަމް ހަލީމް ގައުމީ ވާޖިބުގައި ފުރާނައިން ގުރުބާންވިތާ 14 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، އެމަނިކުފާނުގެ މަތިވެރި ހިދުމަތުގެ ޒިކުރާއަކީ ފުލުހުންގެ މުއައްސަސާގައި އަބަދުވެސް ދިރިދިރި ހުންނާނެ ކަމެއް ކަމަށެވެ. އަދި ދުވަސްތައް ފާއިތުވެގެން ދިޔަޔަސް، ގައުމީ ހިދުމަތުގައި ފުރާނަ ދޫކޮށްލި ފަހުރުވެރި އޮފިސަރުންގެ މަތިން ހަނދާންކުރުމާއި، އެ އޮފިސަރުންގެ އާއިލާތަކާ އޮންނަ ގާތް ގުޅުން ދެމެހެއްޓުމަށް ފުލުހުންގެ މުއައްސަސާއިން އަބަދުވެސް ހާއްސަ އިސްކަމެއް ދޭނެކަން ސީޕީ ފާހަގަކުރެއްވިއެވެ.
ސާވިސް ނަންބަރު 2290، ސާޖަންޓް އާދަމް ހަލީމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި 7 އަހަރާއި 5 މަހަށްވުރެ ދިގު މުއްދަތެއްގައި ރ. އަތޮޅާއި، ބ. އަތޮޅު އަދި ކ. އަތޮޅުގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ކާށިދޫގައި ހިދުމަތް ކުރައްވަމުން ގެންދަވަނިކޮށް، ގޭބަންދުގެ އަމުރާ ހިލާފުވި މީހަކު ހުއްޓުވަން އުޅުމުގެ ތެރޭގައި ދިން އަނިޔާވެރި ހަމަލާއެއްގައި އާދަމް ހަލީމް ޝަހީދުވީ 23 ޖުލައި 2012 ގައެވެ. މިއީ ގާނޫނު ތަންފީޒުކުރުމުގެ މަތިވެރި ވާޖިބު އަދާކުރަމުން ދަނިކޮށް ދިން ހަމަލާއެއްގައި ދިވެހި ފުލުހުންގެ ތާރީހުގައި އޮފިސަރަކު ޝަހީދުވި ފުރަތަމަ ހާދިސާއެވެ.
މި ހާދިސާއާ ގުޅިގެން، އާދަމް ހަލީމްގެ ރޭންކް ވަނީ ޕޮލިސް ލާންސް ކޯޕްރަލްއިން ޕޮލިސް ސާޖަންޓް ރޭންކަށް ޝަހީދުވުމުގެ ފަހުން އުފުލައި، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑަލް އަރުވާފައެވެ. މީގެ އިތުރުން، އެމަނިކުފާނު ޝަހީދުވި ދުވަހާ ގުޅުވައިގެން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް "ޕޮލިސް މެމޯރިއަލް ޑޭ" ރަސްމީކޮށް ފާހަގަކުރަމުން އަންނައިރު، މާލޭގައި ހުންނަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށްވެސް ވަނީ އެމަނިކުފާނުގެ ނަންފުޅު ދެއްވާފައެވެ. މި ބައްދަލުކުރެއްވުމަކީ ވާޖިބު އަދާކުރުމުގައި ފުރާނައިން ގުރުބާންވި އޮފިސަރުންނާއި އެފަރާތްތަކުގެ އާއިލާތަކަށް ފުލުހުންގެ މުއައްސަސާއިން ކުރާ މަތިވެރި ގަދަރާއި އިހުތިރާމް ރަމްޒުކޮށްދިން ބައްދަލުވުމެކެވެ.





