މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގަވާއިދާ ހިލާފަށް އަގު ބޮޑުކޮށް އޭސީތަކެއް ގަތް މައްސަލައިގައި، އެ ކުންފުނީގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު ޖުނައިދާއި އޭރުގެ ޕްރޮކިއުމަންޓް ހެޑް އަބްދުލްވައްހާބުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި-ކޯރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.
މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ސެޕްޓެމްބަރު 16 ވަނަ ދުވަހުއެވެ.
އޭސީސީން މައުލޫމާތު ދޭ ގޮތުގައި، 2016 އަދި 2017 ވަނަ އަހަރު އެމްޕީއެލްއިން 18 އޭސީ ޔުނިޓް ގަނެފައިވަނީ އާންމުކޮށް އިއުލާންކުރުމެއް ނެތި އަދި ބޯޑުގެ ނިންމުމަކާ ނުލައި، އެ މަސައްކަތުގެ ތަޖުރިބާ ނެތް ނަމަވެސް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން އޮތް އަމިއްލަ ފަރުދެއްގެ ވިޔަފާރިއަކުން މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައެވެ.
ޖުމްލަ 1,083,998 ރުފިޔާއަށް އެ އޭސީތައް ގަތް މައްސަލައިގައި އެ ދެ ބޭފުޅުންގެ މައްޗަށް އުފުލުމަށް ނިންމާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.





