ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް އަމިއްލަ ކުންފުންޏަކަށް ގަވާއިދާ ހިލާފަށް ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީއާއި ކައުންސިލްގެ ކުރީގެ ތިން މެންބަރެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި-ކޯރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ މޭޔަރު ސަޢުދުގެ އިތުރުން ގދ. ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުކަން ކުރެއްވި އާމިނަތު ނަސީމާ، އަހުމީމާ އަޙްމަދު އަދި ޢާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށެވެ. އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
އޭސީސީން ބުނި ގޮތުގައި، ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދުގެ ދަށުން ބީލަމަށް ހުޅުވާނުލައި ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެކަން ބަޔާންކޮށްފައި ވަނިކޮށް، އިއުލާންކުރުމަކާ ނުލައި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކައުންސިލްގެ ތިން މެންބަރުން ވަނީ ތާއީދުކުރައްވާފައެވެ.
އަދި 1 ނޮވެމްބަރު 2023 ގައި ސަޢުދު ޢަލީ އެއްބަސްވުމުގައި ސޮއިކުރައްވައި، ގަވާއިދާ ހިލާފަށް 2,000 އަކަފޫޓުގެ ތިން ބިން އެ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށް އޭސީސީން މައުލޫމާތު ދެއެވެ.





