އެފްބީއައިގެ ހާއްސަ ތަމްރީނެއް ދިވެހި ފުލުހަކު ފުރިހަމަކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާޢު، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މަޝްހޫރު "އެފްބީއައި ނޭޝަނަލް އެކެޑަމީ" ގެ 299 ވަނަ ސެޝަން ކާމިޔާބުކަމާއެކު ފުރިހަމަކުރައްވައިފިއެވެ.

އެމެރިކާގެ ވާޖީނިއާގެ ކުއަންޓިކޯގައި ހުންނަ އެފްބީއައި ޓްރެއިނިންގ އެކެޑަމީގައި 10 ހަފުތާގެ މުއްދަތަކަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމްގައި އެމެރިކާގެ 44 ސްޓޭޓަކާއި ދުނިޔޭގެ 28 ޤައުމަކުން ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިސް އޮފިސަރުން ހިމެނޭހެން ޖުމްލަ 265 އޮފިސަރުން ދަސްވެނިވެފައިވެއެވެ. 1935 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ މި އެކެޑަމީއަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ވަރަށް މަޤުބޫލު، އަދި ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އިސް އޮފިސަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެފްބީއައިގެ ޚާއްޞަ އިންސްޓްރަކްޓަރުން ކިޔަވައިދެއްވި މި ކޯހުގެ މުގައްރަރުގައި ލީޑަޝިޕާއި، އެޑްވާންސްޑް ކޮމިއުނިކޭޝަން، ބިހޭވިއަރަލް ސައިންސް، އަދި ފޮރެންސިކް ސައިންސް ފަދަ މުހިންމު ބައިތައް ހިމެނެއެވެ. އަދި 1972 ވަނަ އަހަރުން ފެށިގެން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ޔުނިވަރސިޓީ އޮފް ވާޖީނިއާއިން އެކްރެޑިޓްކޮށްފައިވާ އެކަޑަމިކް ކްރެޑިޓް ލިބިގެންދެއެވެ.

ފުލުހުންގެ ޚިދުމަތުން ފާހަގަކުރާ ގޮތުގައި، ޙަސަން ޝިފާޢު މި ފެންވަރު މަތީގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރެއްވުމަކީ ދިވެހި ފުލުހުންގެ މުއައްސަސާގެ ލީޑަރޝިޕް ހުނަރުތަކާއި ޕްރޮފެޝަނަލް ޕޮލިސިންގ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. މިއީ ބައިނަލްއަޤުވާމީ ފުލުހުންގެ އިދާރާތަކާ އޮންނަ ގުޅުން ބަދަހިކޮށް، ލިބިވަޑައިގެންނެވި ތަޖުރިބާ މުއައްސަސާގެ އެތެރޭގައި ޙިއްޞާކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް