ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ސްކްރީން ސަރަހައްދުގައި ހުރެ، ދަބަހެއްގައި ބޮމެއް އޮތްކަމަށް ބުނެ ދޮގު މައުލޫމާތު ފެތުރި މިސްރަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އިއްޔެ ހިނގި މި ހާދިސާގައި، އޭނާ ހައްޔަރުކޮށްފައިވަނީ އޭނާއާއި އޭނާގެ ދައްތަ ޑިޕާޗާ ސަރަހައްދުގައި ތއްބައި، ޑިއުޓީ އޮފިސަރުން އޭނާގެ ދައްތަގެ ދަބަސް އިތުރަށް ޗެކުކުރަން އުޅުނު ވަގުތު، އެ ދަބަހުގައި ބޮމެއް އޮތްކަމަށް ބުނެ ބިރުވެރިކަން އުފެއްދުމާ ގުޅިގެންނެވެ.
މި ކަމާ ގުޅިގެން އެއާޕޯޓުގެ ސަލާމަތީ ބާރުތަކުން ވަގުތުން ހަރަކާތްތެރިވެ، ސިފައިންނާއި ފުލުހުން ގުޅިގެން އެ ދަބަސް ފާސްކުރި ނަމަވެސް، އެފަދަ އެއްވެސް ނުރައްކާތެރި އެއްޗެއް ފެނިފައިނުވާ ކަމަށް ތަހުގީގު އޮފިސަރުން ކޯޓުގައި ހާމަކޮށްފައިވެއެވެ. އަދި މި މައްސަލާގައި ކޯޓަށް ހާޒިރުކުރުމުން އެ މީހާ ބުނެފައިވަނީ ދަބަހުގައި ބޮމެއް އޮތްކަމަށް ބުނީ މަޖަލަކަށް ކަމަށެވެ. މީގެ އިތުރުން، އޭނާ ވަނީ މިކަމަށް މައާފަށް އެދި، ފުލުހުންގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ.





