މިއަހަރުގެ ފުރަތަމަ 8 މަހު ހިލޭ އެހީގެ ގޮތުގައި 499 މިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 499 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މުޅި އަހަރުތެރޭ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކުރި 373 މިލިއަން ރުފިޔާއަށްވުރެ އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 252.4 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.

މިއާއެކު އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނިއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 28.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޓެކްސް އާމްދަނީ %8.5 އިން އިތުރުވުމުގެ ސަބަބުން ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު %6.2 ގެ ކުރިއެރުމެކެވެ.

ނަމަވެސް، މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ %17 އިތުރުވެ 30.86 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދު 26.98 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 3.88 ބިލިއަން ރުފިޔާއަށް މަތިވެފައެވެ. އާމްދަނީއަށްވުރެ ޚަރަދުތައް އިތުރުވުމުގެ ސަބަބުން، ދަރަންޏާއި އިންޓްރެސްޓް ނުހިމަނައި ޕްރައިމަރީ ސާޕްލަސް 1.27 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ދަރަންޏާއި އިންޓްރެސްޓް ހިމެނޭހެން މުޅި ބަޖެޓުން ވަނީ 2.13 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ދައްކާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް