ގަވާއިދާ ހިލާފަށް ބޭރު ފައިސާ ބޭރުކުރަން އުޅުނު ބަންގްލަދޭޝްގެ 6 މީހަކު އެއާޕޯޓުން ހައްޔަރުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން (ވީއައިއޭ) ގަވާއިދާ ޚިލާފަށް ރާއްޖޭން ބޭރަށް ގެންދަން އުޅުނު 3.86 މިލިއަން ރުފިޔާއަށް އަރާ ބޭރު ފައިސާއާއެކު ހައްޔަރުކުރި ބަންގްލަދޭޝްގެ 6 މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިދީފިއެވެ.

މި މަހުގެ 18 ވަނަ ދުވަހު ފުލުހުންގެ ހާއްސަ ޓާސްކްފޯހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މި ފައިސާގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 ސްޓާލިންގ ޕައުންޑް ހިމެނޭހެން 18 ގައުމެއްގެ ފައިސާ ހިމެނެއެވެ. މި ފައިސާ ފެނިފައިވަނީ ސީރިއަލް ޕެކެޓެއްގައި ބަންދުކޮށްގެން ލަގެޖުގައި ރާއްޖޭން ބޭރަށް ގެންދަން އުޅެނިކޮށެވެ.

މަނީ ލޯންޑަރިންގެ ތުހުމަތުކޮށްފައިވާ މި 6 މީހުންވެސް ކޯޓުގައި ވަނީ އެ ފައިސާއަކީ އެމީހުންގެ އެއްޗެއް ނޫން ކަމަށް ބުނެ އިންކާރުކޮށްފައެވެ. އެމީހުން ބުނެފައިވަނީ އެއާޕޯޓަށް ދިޔައީ މީހަކު ފުރުވަން ނުވަތަ ބަލައި ކަމަށާއި، ފައިސާ ފެނުނު ލަގެޖާ ހަވާލުވީ އެހެން މީހަކު އެދިގެން ކަމަށެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ލައިސަންސް ނެތި ޤާނޫނާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ފުލުހުންގެ ހާއްސަ ނަންބަރު 9388733 އަށް (އެސްއެމްއެސް، ވައިބަރ، ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް) ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް