ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއެކު ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަދި އިޤްތިޞާދީ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި އިންވެސްޓްމަންޓްތަކަށް ނޭދެވޭ އަސަރުކުރާ ގޮތަށް ސޯޝަލް މީޑިއާއާއި ބައެއް ނޫސްތަކުގައި ދައްކަމުންދާ ވާހަކަތައް ކުށްވެރިކުރައްވައި، އެފަދަ ކަންކަމުގެ ދެރަ މުޅި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއިން ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށްފަހު ކާޑާއި ތެލާއި ގޭސް ފަދަ ޒަރޫރީ ތަކެތި ގަންނާނެ ގާބިލުކަން ނެތް ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކުރައްވަމުން ވަޒީރު ވަނީ އެފަދަ ހާލަތަކަށް ރާއްޖެ ނުދާނެ ކަމަށާއި، ބާޒާރުން ޒަރޫރީ ތަކެތި ހުސްނުވެ ލިބެން ހުންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ދެއްކުމަށް ހުރި ލޯނުތައް މެނޭޖްކުރުމަށް ކުރެވުނު މަސައްކަތުން ޗައިނާ ސަރުކާރާއި، އަބޫދާބީ ފަންޑުގެ އިތުރުން ސޮވްރިންގ ގެރެންޓީ ދީފައިވާ ބައެއް ލޯނުތައް ދެއްކުން ފަސްކުރެވިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.





