ނައިބް ރައީސް ނިއުޔޯކަށް ފުރާވަޑައިގެންފި

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ މަތީ ފަންތީގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީުސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ރޭ އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި، ވަކިން ހާއްސަކޮށް އދ. ގެ ތިމާވެއްޓާއި ތަރައްގީގެ މައްސަލަތަކުގައި އަޑުއުފުލުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް އދ. ގެ އާންމު މަޖިލީހުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ބަޔާނުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާއި، ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުތަކާއި އަދި ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރައްވާނެއެވެ.

މީގެއިތުރުން، އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދާ ޚާއްސަ އިވެންޓްތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެކި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދޭދޭ ގުޅުންތައް ބަދަހިކުރުމާއި، ގިނަ ގައުމުތައް ގުޅިގެން ކުރެވޭ މަޝްވަރާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ރޭވިފައެވެ.

އދ. ގެ އާންމު މަޖިލީހުގެ މި ސެޝަންގެ ހައި-ލެވެލް ހަފްތާގެ ހަރަކާތްތައް ނިންމަވާލެއްވުމަށްފަހު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް