ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ:އެމްއެސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ދަބަހެއްގައި ބޮމެއް އޮތް ކަމަށް ސަމާސާއަކަށް ބުނި މިޞްރުގެ ފަތުރުވެރިއަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަސް ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ ޕީޓާ ސަމާން މަރްޒޫޤް ސަމާން އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ފުލުހުންގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި، އޭނާ ބޮމެއް އޮތް ކަމަށް ބުނެފައިވަނީ އެއާޕޯޓުން އޭނާގެ ދައްތަގެ ދަބަސްތައް އިތުރަށް ޗެކްކުރަން އުޅުމުންނެވެ. ޝަރީޢަތުގެ މަޖިލީހުގައި އޭނާ އެއީ ސަމާސާއަކަށް ބުނި އެއްޗެއް ކަމަށް ބުނެ މާފަށް އެދުނު ނަމަވެސް، އެއާޕޯޓު ފަދަ ސެކިއުރިޓީ ވަރުގަދަ ތަނެއްގައި އެފަދަ ސަމާސާއެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ފިލައިފާނެ ކަމުގެ ބިރު އޮތުމުން ކޯޓުން ވަނީ އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އޭނާގެ މައްޗަށް ބިރުދެއްކުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު ކުރެވޭއިރު، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް