ޕްލާސްޓިކް

އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ފެންބަންދުކޮށްގެން ރާއްޖެ އެތެރެކުރުމާއި، އުފެއްދުމާއި އަދި ވިއްކުން މަނާކުރާ ތާރީޚު 1 ޖޫން 2030 އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަސްކުރައްވައިފިއެވެ.

އެމަނިކުފާނު މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތިން، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ޤަރާރަށް އިޞްލާޙު ގެންނަވައި މިއަދު ނެރުއްވި ޚާއްސަ ގަރާރަކުންނެވެ.

ކުރިން އޮތް ގޮތުން 500 މިލިލީޓަރާއި 1 ލީޓަރާ ދެމެދުގެ ފުޅީގައި ފެން ބަންދުކުރުން މަނާވާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ގެނެވުނު އިސްލާހާއެކު އެ ތާރީޚު 2030 އަށް ފަސްކުރެވިފައިވާއިރު، 250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ (ފެން ނޫން) އެހެނިހެން ތައްޔާރީ ބުއިންތައް ރާއްޖެ އެތެރެކުރުމާއި، އުފެއްދުމާއި އަދި ބާޒާރަށް ނެރުން މިއަދުން ފެށިގެން ވަނީ މަނާކޮށްފައެވެ. މި އިސްލާހުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް