އަމީނީމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
މިއަހަރުގެ ޖޫން 15 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުގެ ދަށުން، މަގު މަރާމާތުކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ސެގްމަންޓް 1 ގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށެވެ.
ސެގްމެންޓް 1 ގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމަށްފަހު، ދެން ކުރިއަށްދާނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސެގްމެންޓް 2 ގެ މަސައްކަތެވެ. މި މަސައްކަތްތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމާލުމަށް ހަމަޖެހިފައިވާއިރު، އަމީނީމަގުގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ތާރުއަޅާފައިވާ ސަރަޙައްދުތަކުން ހަލާކުވެފައިވާ ތަންތަން މަރާމާތުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
އަމީނީމަގުގެ ހަލާކުވި ސަރަހައްދު ކުރިން އަވަހަށް ހަލާކުވާން ދިމާވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފަންނީ ބޭފުޅުން ފާހަގަކުރައްވަނީ ތާރުގަނޑު ރަނގަޅަށް ނުހިކެނީސް ބަސް ފަދަ އުޅަނދުފަހަރަށް މަގު ހުޅުވާލުމެވެ. ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަމީނީމަގުގެ 1.79 ކިލޯމީޓަރުގެ ސަރަހައްދުގައި ތާރުއެޅުމުގެ މުޅި މަޝްރޫޢު ނިންމާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.





