ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫއުގެ ދަށުން، މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ގަސް އިންދާފައިވާކަން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫއުގެ ދަށުން މިހާތަނަށް މުޅި ޖުމްލަ 2،040،866 ގަސް ވަނީ އިންދައިފައެވެ. އެހެންކަމުން، ފަސް މިލިއަން ގަސް އިންދުމުގެ އަމާޒަށް ހާސިލުވުމަށްޓަކައި ދެން އިތުރަށް އިންދަންޖެހެނީ ގާތްގަނޑަކަށް ތިން މިލިއަން ގަހެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު މަޝްރޫއަށްވާއިރު، ސަރުކާރު ކުންފުނިތަކާއި، މުއައްސަސާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ބޮޑު އެއްބާރުލުމެއް މި ކަމަށް އަންނަނީ ލިބެމުންނެވެ. އެގޮތުން، އެކި އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން ވަނީ މި މަޝްރޫއުގެ ތެރެއިން ޖުމްލަ 6.4 މިލިއަން ގަސް އިންދުމަށް އަމާޒު ހިފައިފައެވެ. މަޝްރޫއުގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކޮށް އަވަސްކުރުމުގެ ގޮތުން، ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ގަސް އާލާކުރާ ނާސަރީ ހެދުމަށް 10 ރަށަކަށް ގްރާންޓް ދީފައެވެ. މީގެ އިތުރުން، ހުޅުމާލޭގައި "ގްރީން ނާސަރީއެއް" ތަރައްގީކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ބާރަށް ކުރިއަށްދަމުންނެވެ.
މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު އިފްތިތާހުކުރި މި ގައުމީ ޕްރޮގްރާމަކީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ރާއްޖެއިން ނެތެމުންދާ ގަސްގަހާގެހި އާލާކޮށް، ދުނިޔެ ހޫނުވުމުގެ އަސަރު ކުޑަކުރުމަށް ސަރުކާރުން އިސްނަގައިގެން ފެށި މުހިންމު ހަރަކާތެކެވެ. މި މަޝްރޫއު އިއުލާނުކުރެއްވީ ޔޫއޭއީގެ ދުބާއީގައި ބޭއްވުނު އަންދާޒާ ކޮޕް 28 ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ގައުމީ ބަޔާނުގެ ތެރެއިންނެވެ.





