ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސް މަގާމުތަކަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުން މިއަދު މަގާމުގެ ހުވާކުރައްވައިފިއެވެ.
މި ބޭފުޅުން މަޤާމުގެ އިޤްރާރުވެވަޑައިގެންފައިވަނީ ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން މެންދުރުފަހު ބޭއްވި ޚާއްޞަ ސެޝަނެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވަނީ އެ ބޭފުޅުންނަށް ހުވާލައިދެއްވާފައެވެ.
މިއަދުގެ ދަންފަޅީގައި ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި ޕާޓީގެ ނައިބު ރައީސުންނާއި، މެންބަރުންގެ މަޖިލީހަށް އިންތިޚާބުވި އަންހެން މެންބަރުންނާއި، ޒުވާނުންގެ މެންބަރުންގެ އިތުރުން އާންމު މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލީޑާޝިޕަށް އައްޔަންކުރެއްވި 10 ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި މަގާމުގެ ހުވާ ކުރެއްވިއެވެ.
ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުންނަކީ ޕާޓީގެ ޗެއަރޕާސަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު، ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުޙީ އާދަމް، ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ލަމްޢާން އަދި ޚަޒާންދާރު ޙުސައިން ފަހުމީއެވެ.
ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި 6 ބޭފުޅުންނަކީ މިނިސްޓަރު ޢަބްދުﷲ ރާފިޢު، މިނިސްޓަރު އަޙްމަދު ޝިޔާމް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، މިނިސްޓަރު މުޙައްމަދު ސަޢީދު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފްއެވެ.
ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގެ ބޭފުޅުންގެ ތެރެއިން ޕާޓީގެ ރައީސް އައްޔަންކުރެއްވި 7 މެންބަރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯއިންގެ ތެރެއިން އައްޔަންކުރެއްވި 3 މެންބަރުން ވެސް މި ރަސްމިއްޔާތުގައި މަޤާމުގެ އިޤްރާރުވެވަޑައިގެންފިއެވެ. މަތީ މަޖިލީހަށް އިންތިޚާބުވި އެހެނިހެން މެންބަރުންނާއި ސްޓިއަރިންގ ކޮމިޓީތަކަށާއި ދާއިރާތަކުގެ މަޤާމުތަކަށް އިންތިޚާބުވި ބޭފުޅުންވެސް ވަނީ މަޤާމުގެ އިޤްރާރުވެވަޑައިގެންފައެވެ.





