މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމުގައި އާ ބާބެއް ހުޅުވިގެންދިޔަ ތާރީޚީ ދަތުރުފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދަތުރުފުޅު ނިންމަވާލެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ދަތުރުފުޅުގައި ބޭއްވުނު ރަސްމީ މަޝްވަރާ ބައްދަލުވުންތަކަކީ ނަތީޖާ ނެރެވުނު، އަދި ކުރިމަގަށް ވަރުގަދަ ބިންގަލެއް އެޅިގެންދިޔަ މަޝްވަރާތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ވިޔަފާރިއާއި އިންވެސްޓްމަންޓް، ތަޢުލީމާއި ޞިއްޙަތު، ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން އިސްލާމީ ކަންކަމާއި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.
މީގެއިތުރުން، ދެ ޤައުމުގެ މަރުކަޒީ ބޭންކު މެދުވެރިކޮށް ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީއެއް ދިނުމަށް މެލޭޝިއާއިން ނިންމެވީތީ ރައީސް ވަނީ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓެއް (ޕީޓީއޭ) އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް މެލޭޝިއާ ސަރުކާރުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާތީ އެކަމަށް ވެސް ރައީސް މަރުހަބާ ވިދާޅުވިއެވެ.
ޕީއެންސީގެ ޤައުމީ މަހާސިންތާއާ ދިމާކޮށް ބޮޑުވަޒީރު އަންވަރު އިބްރާހީމް ފޮނުއްވި ތާޢީދާއި ހިތްވަރުގެ މެސެޖަށްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.





