ތ. ގުރައިދޫގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހު އަލޮމް މިއާ މަރާލި މައްސަލައިގައި، އެ ގައުމުގެ ބަބުލް މިއާ އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި.
މި މައްސަލައަކީ 2020 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ގުރައިދޫގެ ސިނާއީ ސަރަހައްދުގައި ހިންގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޝާހު އަލޮމް މަރާލި މައްސަލައެވެ. ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި ޝާހުއަށް ހަމަލާދީ މަރާލާފައިވަނީ އެ ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ ދައުލަތުން އުފުލި ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ބަބުލް މިއާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައެވެ.
މައްސަލައިގެ ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ މަރުވި ޝާހު އަލޮމްގެ ވާރިސުންގެ ބަސް ހޯދުމުން، މަރުގެ ބަދަލުގައި މަރު ހިފަން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ މަރުގެ ދިޔަ ހޯދުމަށް ކަމަށް ވާރިސުން ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ކޯޓުން ވަނީ އޭނާ އުމުރަށް ޖަލަށްލުމާއެކު، މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށާއި، ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން ދެ މަސް ދުވަހުގެ ރޯދަ ހެދުމަށް ހުކުމްކޮށްފައެވެ. މި މައްސަލައިގެ ތަހުގީގަށާއި ޝަރީއަތުގެ މަރުހަލާގައި ބަބުލް މިއާ ބަންދުގައި ހޭދަކުރި މުއްދަތު އޭނާގެ ޖަލު ހުކުމުން އުނިކުރެވޭނެތީ، އޭނާ ތަންފީޒު ކުރަން ޖެހޭ ޖަލު މުއްދަތު މަދުވާނެއެވެ.





