މާލޭގެ ފިހާރައެއްގެ ބޭރުގައި ބަހައްޓާފައި ހުރި ބަލި މީހެއްގެ ދެ އަސާގަނޑު ވަގަށް ނަގައި، 20 ރުފިޔާއަށް ވިއްކާލި މައްސަލައެއްގައި މއ. ޢާޞިމާމަންޒިލް، މުޙައްމަދު ޙުސައިން ހަތަރު މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ މިއަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު "މާމުއި" ފިހާރަ ކުރިމަތިން އެ އަސާގަނޑުތައް ވަގަށް ނެގުމަށްފަހު، އެހެން ފިހާރައެއްގެ ބިދޭސީ މުވައްޒަފަކަށް 20 ރުފިޔާއަށް ވިއްކާލި މައްސަލައެކެވެ.
ޝަރީޢަތުގެ މަރުޙަލާގައި މުޙައްމަދު ޙުސައިން ދަޢުވާއަށް އިންކާރުކޮށް، އެއީ މީހަކު ބޭނުންކުރާ އެއްޗެއްކަން ނޭނގޭ ކަމަށް ބުނި ނަމަވެސް، ދައުލަތުން ހުށަހެޅި ސީސީޓީވީ ފުޓޭޖާއި ފުލުހުންނާއި އަސާގަނޑު ގަތް މީހާގެ ހެކިބަހުން އޭނާ އެ ކުށް ކުރިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ވަނީ ސާބިތުވެފައެވެ.
ޤާނޫނުލްޢުޤޫބާތުގެ ދަށުން މި ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ނަމަވެސް، މައްސަލައިގެ ތަޙްޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި 18 ދުވަސް އުނިކުރުމަށްފަހު، ކޯޓުން ވަނީ ތަންފީޛު ކުރަންޖެހޭ ފައިނަލް އަދަބަކީ 4 މަހާއި 6 ދުވަހުގެ ޖަލު އަދަބު ކަމަށް ކަނޑައަޅާފައެވެ.





