މާލޭގެ ހުޅަނގުދެކުނު ހާބަރު ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އެ ސަރަހައްދުގެ ފުޑްކޯޓު ޔުނިޓުތައް 90 ދުވަހުގެ ތެރޭގައި ހުސްކޮށް އެސްޓީއޯއާ ހަވާލުކުރުމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.
އެސްޓީއޯއިން ޔުނިޓުތައް ހިންގާ ފަރާތްތަކަށް ފޮނުވި ނޯޓިސްގައިވާ ގޮތުން، ޔުނިޓުތައް ހުސްކޮށް ހަވާލުކުރުމުން 2022 އޮކްޓޫބަރު 15 ގައި ވެފައިވާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ. އަދި ދައްކަންޖެހޭ ކުއްޔާއި މެއިންޓަނަންސް ފީގެ ތަފްސީލާއި ފައިސާ ދައްކާނެ ގޮތުގެ ތާވަލު ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން ފޮނުވާނެ ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.
2016 ވަނަ އަހަރު 32 މިލިއަން ރުފިޔާ ހޭދަކޮށްގެން އެސްޓީއޯއިން ތަރައްގީކޮށް 2018 ވަނަ އަހަރު ޚިދުމަތް ދޭންފެށި މި ފުޑްކޯޓު ސަރަހައްދަކީ، ތަފާތު އެކި ކާބޯތަކެތި ލިބެންހުންނަ، ގިނަ އަދަދެއްގެ ކެފޭ އަދި ރެސްޓޯރަންޓުތައް ހިންގަމުންދާ މަގުބޫލު ސަރަހައްދެކެވެ.





