ބަލި މީހުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ "ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ" އާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއީ ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ސިއްޙީ ދާއިރާގައި ހިނގާ އިޙްމާލުގެ ހާދިސާތައް މަދުކުރުމަށް ބާރު އެޅުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެކެވެ. ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 17 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ފެންވަރުގައެވެ.
މިއަހަރުގެ ޝިޢާރަކީ "ދާއިމީ ބޮޑެތި ބަލިތަކަށް ރައްކާތެރި ފަރުވާއެއް" ކަމަށް އެކަމަނާ ފާހަގަކުރައްވައިފިއެވެ. ރާއްޖޭގައި ގައިންގަޔަށް ނާރާ ދާއިމީ ބަލިތައް އިތުރުވަމުންދާކަން ވެސް މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
އެފަދަ ބަލިތަކަށް ތަޙަންމަލުކުރަމުންދާ މީހުންނަށް ފަރުވާގެ ކޮންމެ މަރުޙަލާއެއްގައި ފުރިހަމަ ފަރުވާއާ ޚިދުމަތްތައް ފޯރުކޮށްދިނުން ވަރަށް މުހިންމު ކަމުގައި އެކަމަނާ ވިދާޅުވިއެވެ. ބަލި ޖެހުމުގެ ކުރީން ރައްކާތެރިވުމާއި ބަލީގެ ކުރީކޮޅު ދެނެގަތުމުގެ ނިޒާމެއް އޮތުމުގެ މުހިންމުކަންވެސް ފާހަގަކުރައްވައިފިއެވެ.
ދާއިމީ ބޮޑެތި ބަލިތަކާ ހަނގުރާމަކުރާ ފަރާތްތަކުގެ ފަރުވާގެ މުޅި ދަތުރުގައި އަޅާލުމާއި އެހީތެރިކަން މެދުނުކެނޑި ދިނުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. ޞިއްޙީ މަސައްކަތްތެރިންނަށް ބޭނުންވާ އެއްބާރުލުން ފޯރުކޮށްދިނުމަށް މުޅި މުޖުތަމަޢަށް އިލްތިމާސްކުރެއްވިއެވެ.
ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް ޔަޤީންކުރުމުގައި ރާއްޖެއިން މުހިންމު ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާކަން ފާހަގަކުރައްވާ، އެއީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.





