ހާބަރުގެ ފުޑްކޯޓުތައް 90 ދުވަހުގެ ތެރޭގައި ހުސްކުރަން އަންގައިފި

މާލޭގެ ހުޅަނގުދެކުނު ހާބަރު ސަރަހައްދު ޒަމާނީ ފެންވަރަކަށް އަލުން ތަރައްގީކުރުމުގެ މަޝްރޫއަކަށް، އެ ސަރަހައްދުގައި ހިންގަމުންދާ ފުޑްކޯޓު ޔުނިޓުތައް ހުސްކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިޔަފާރިވެރިންނަށް އަންގައިފިއެވެ.

އެސްޓީއޯއިން ފުޑްކޯޓުތައް ހިންގާ ފަރާތްތަކަށް ފޮނުވި ރަސްމީ ލިޔުމުގައި ބުނެފައިވަނީ، ދެފަރާތުގެ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، ނޯޓިސް ލިބޭތާ 90 ދުވަހުގެ ތެރޭގައި އެ ތަންތަން ހުސްކޮށް ކުންފުންޏާ ހަވާލުކުރަންޖެހޭނެ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ޔުނިޓުތައް ހަވާލުކުރުމުން، 15 އޮކްޓޫބަރު 2022 ގައި ވެފައިވާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން ބާތިލުވެ، ނިމުމަކަށް އަންނާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެއްބަސްވުމުގެ މުއްދަތުގައި ދައްކަންޖެހި ނުދެއްކި ހުރި ކުއްޔާއި މަރާމާތު ފީގެ ތަފުސީލުތަކާއި، އެ ފައިސާ ދައްކައި ޚަލާސްކުރާނެ ގޮތުގެ ތާވަލު ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން ވިޔަފާރިވެރިންނާ ހިއްސާކުރާނެ ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

ހައުސިން މިނިސްޓްރީގެ މާސްޓަ ޕްލޭނުގެ ދަށުން މި ފުޑްކޯޓުތައް ތަރައްގީކުރުމުގެ މަސައްކަތް 2016 ވަނަ އަހަރު އެސްޓީއޯއާ ހަވާލުކުރީ 32 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ. މި ސަރަހައްދު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ވަކިވަކި ބްލޮކްތަކަކަށް ބަހާލައިގެން ތަރައްގީކޮށްފައިވާ މި ސަރަހައްދަކީ ގިނަ އަދަދެއްގެ ކެފޭ ރެސްޓޯރަންޓުތަކާއި ކުދި ވިޔަފާރިތަކާއެކު، އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަނެކެވެ.

މި ސަރަހައްދު ހުސްކުރަން އެންގުމާ ގުޅިގެން އެތަނުގައި ވިޔަފާރިކުރާ ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ސަރުކާރުން އަމާޒު ހިފާފައިވަނީ ހާބަރު ސަރަހައްދަކީ މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތް ދެވޭނެ ފަދަ ތަނަކަށް ބަދަލުކުރުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް