ހުޅުމާލެ 3 އިން 641 ގޯތީގެ ރަޖިސްޓްރީ އާއި 603 ބިން ހަވާލުކޮށްފި

"ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 603 ބިމާއި 641 ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އާބަން ޑިވެލޮޕްމަންޓްއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ހުޅުމާލެ ފޭސް 3 އިން ދޫކުރުމަށް ހަމަޖެހިފައިވާ 698 ބިމުގެ ތެރެއިން 86 އިންސައްތަ ބިން (603 ބިން) މިހާރު ވަނީ ހަވާލުކުރެވިފައެވެ. އަދި ދޫކުރަންޖެހޭ ރަޖިސްޓްރީތަކުގެ 92 އިންސައްތަ (641 ރަޖިސްޓްރީ) ވަނީ ހަވާލުކޮށް ނިންމާފައެވެ. ގޯތީގެ ރަޖިސްޓްރީއާ ހަވާލުވާ ފަރާތްތަކުގެ ބިން އިންކަނޑައި، ސަރަހައްދު ސާފުކުރުމަށްފަހު ބިމާ ހަވާލުވުމަށް އެ ވުޒާރާއިން އެންގުމުން އެކަން ކުރިއަށްދާނެއެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކެޕޭސިޓީ ބޮޑެތި ޑްރެޖަރުތައް ބޭނުންކޮށްގެން ކެޕިޓަލް މެރިން އެންޑް ސިވިލް ކުރަންޝަން (ސީއެމްސީސީ) އިން ކުރިއަށްގެންގޮސް ނިންމާލާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މާލެ ސަރަހައްދުން 9,000 އަށްވުރެ ގިނަ ގޯތި ދޫކުރަން ނިންމާފައިވީ ނަމަވެސް، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި އޭރު ހިއްކާފައިވަނީ 100 ގޯތިވެސް ދެވޭވަރަށްވުރެ ކުޑަ ސަރަހައްދެކެވެ.

ނަމަވެސް، މި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މަސައްކަތުން ދެ އަހަރު ދުވަހުގެ ތެރޭގައި ވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ 63 ހެކްޓަރުގެ ބިން އެއްކޮށް ހިއްކާ ނިންމައިފައެވެ. މި މަޝްރޫއު އެންމެ ފުރަތަމަ ފެށިގެން ދިޔައީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އޭގެފަހުން، މާސްޓާ ޕްލޭން ރިވައިޒްކުރުމަށްޓަކައި މަސައްކަތް މަޑުޖެހުމަކަށް އައުމަށްފަހު، އަލުން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ނޮވެމްބަރު 10 ވަނަ ދުވަހުއެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް