ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ރައީސް މުޢިއްޒަށް ދަންނަވަން ޕީއެންސީން ފާސްކޮށްފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމަނިކުފާނަށް ދެންނެވުމަށް އެ ޕާޓީގެ މަތީ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމަށް މެންބަރު ޢަބްދުﷲ އިބްރާހީމް ހުށަހެޅުއްވި މި ގަރާރު ފާސްވީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 1119 މެންބަރުންގެ ފުރިހަމަ ތާއީދާއެކުގައެވެ. އަދި ނައިބު ރައީސް އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފްވެސް ވަނީ މި ގަރާރަށް ތާއީދުކުރައްވާފައެވެ.

މި ގަރާރުގައިވާ ގޮތުން، 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުޢިއްޒު ގެންދަވަނީ ގައުމާއި ރައްޔިތުން ފަޚުރުވެރިވާފަދަ އަގުހުރި މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި، ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން ދިވެހި ފަސްގަނޑުގައި ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ނެތްކަން އެމަނިކުފާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މީގެއިތުރުން "ދިވެހިންގެރާއްޖެ" ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށާއި، އިގްތިސާދު ހަމަމަގަށް އަޅުވައި، މާލީ ހަރުދަނާ ފިޔަވަޅުތަކެއް އެމަނިކުފާނު އަޅުއްވަމުން ގެންދަވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އޭގެއިތުރުން، މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކޮށް އިގްތިސާދު ސިންދަފާތުކުރުމާއި، ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށްވެސް ގަރާރުގައި އަލިއަޅުވާލާފައިވެއެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ އިތުރުން، ބައިނަލްއަގްވާމީ މަސްރަހުގައި އިސްލާމްދީނާއި ފަލަސްޠީނުގެ ހައްގުގައި ރައީސް ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކޮށް، ގައުމަށް ގެންނަވާ ތަރައްގީ މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ދެވަނަ ދައުރެއް އެމަނިކުފާނަށް ހައްގުވާކަމަށް ޕާޓީން ދެކެއެވެ. ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުން، ވެރިކަމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގެންފިނަމަ، ޕްރައިމަރީއަކާ ނުލައި އެ ޓިކެޓް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް